ތަރައްގީ

Saturday 20 August 2011

މުޖުތަމަޢުގެ ތަރައްޤީކުރުން
ދިވެހިރާއްޖެ މިވަނީ ރަށްފުށުގެ ތަރައްޤީގެ އާމަރުހަލާއެއް ފެށިފައެވެ. ރައްތަކާއި އަތޮޅު އަދި ސިޓީ ތަރައްޤީ ކުރުމަށް ވަނީ ކައުންސިލުތަކެއް އުފެދިފައެވެ. މިއީ ރައްތަކުގެ ކުރިއެރުން އެންމެ ފުރިހަމައަށް ގެނެއުމަށްޓަކާ ރައްޔިތުންގެ ހިއްސާ އެންމެ ފުރިހަމައަށް ހޯދުމަށްޓަކާ އެކުލަވާލެވިފައިވާ ނިޒާމެވެ. ކައުންސިލަރުންގެ އެންމެ އިސްކަންދޭން ޖެހޭނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅު ކުރުމަށެވެ. އިޖްތިމާޢީ، އިގްތިޞާދީ، ސިއްޙީ އަދި ތަޢުލީމީ ކަންކަން ކުރިއެރުވުމެވެ.

ރަށްފުށުގެ ދިރިއުޅުން ތަރައްޤީ ކުރުމަށް އެންމެ ފުރިހަމަ ނިޒާމަކަށްވާނީ ގިނަބައެއްގެ ހިއްސާ އެކުލެވިގެންވާ ނިޒާމެވެ. މަޝްރޫޢުތަކުގެ ހުރިހާ ހިސާބެއްގައިވެސް ރައްޔިތުންގެ ބައިވެރިވުން ބޮޑު ކުރެވުމަކީ އެންމެ ފުރިހަމަ ތަރައްޤީގެ އަސްލެވެ. މަޝްރޫއު ކާމިޔާބުކުރުމަށް ގިނަބަޔަކުބޭނުންވުމާއީ އެފަދަ ބަޔަކު އެކަމުގައި ހަރަކާތްތެރި ވުމަކީ އެންމެ ނުހަނު ބޭނުންތެރި ކަމެކެވެ. މުޖުތަމަޢުގެ ހުރިހާ ފެންވަރެއްގެ ރައްޔިތުންގެ ބައިވެރިވުން ހޯދަންޖެހޭނެވެ.
މުޖުތަމަޢަކީ ގިނަ ބަޔަކުގެ ނަޒަރުގައި ޖޯގުރަފީގެ ގޮތުން އެހެން މުޖުތަމަޢުއަކާ ވަކިވެފައިވާ ސަރަހައްދެއްގައި އުޅޭބަޔެކެވެ. އެއީ މިސާލަކަށް ރަށެއް ނުވަތަ އަތޮޅެއް ފަދަ ތަނެކެވެ. ނަމަވެސް މުޖުތަމަޢީ އެހާ ކުޑަކޮން މާނަ ކުރެވޭނެއެއްޗެއްނޫނެވެ. މުޖުތަމަޢު ގެ ބައެއްގެ ގޮތުގައި އާދަކާދަ އާއިސަގާފަތް، ބަސް، ދީން، މުޖުތަމައުގެ އާމުގަބޫލުކުރުންތައް އަދި ތަފާތު ގުޅުތައް ހިމެނިގެންދާކަމީ މުޖުތަމެއްގެ ރޯލުތަރައްޤީގައި އަދާކުރާނެ ދައުރު ފުރިހަމައަށް އެގިގެންދާނެ ކަމެކެވެ. އެއްމުޖުތަމައެއް އެކެއް ނުވަތަ އެއަށްވުރެ ގިނަމުޖުތަމަޢުތަކާ ވަނީ ގުޅިލާމެހެިފައެވެ.
ތަރައްޤީ ކުރުމަކީ ކުރިއެރުވުމެވެ. ނުވަތަ ރަގަޅު ބަދަލުތަކެއް ގެނައުމެވެ. އެހެންކަމުން މުޖުތަމައެއް ކުރިއެރުން ގުޅިފައިވަނީ އަފުރާދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއެވެ. ރައްޔިތުންގެ އިޤްތިޞާދީ، އިޖްތިމާއީ، ތައުލީމީ، ސިއްޙީ އަދިވެސް ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ އެންމެހާ ކަންކަން މިހާރަށްވުރެން ރަގަޅުކުރުމާއެވެ. ތަރައްޤީގެ އަސްލަކަށްވާން ޖެހޭނީ ދިމެހެއްޓެވެނި ތަރައްޤީ އެކެވެ.
މުޖުތަމަޢު ތަރައްޤީ ކުރުމަށް ބޭނުންވާ ވަސީލަތްތައް
މުޖުތަމަޢު ތަރައްގީ ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ދެނެގަތުމަކީ މުޖުތަމަޢު ކުރިއެރުވުމަށް ފަށައިގަތުމުގެ ތެރެއިން ހިމެނިގެންވާކަމެވެ. ސަބަބަކީ ވަސީލައްތައް ދެނެގަނެ އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހާސިލް ކުރުމެވެ. ވަސީލަތް ހިމެނިގެންވަނީ ހަމައެކަނި ފައިސާއާ މުދަލަކުންނޫނެވެ. މައިގަނޑު ގޮތެއްގައި ވަސީލަތް ބަހާލެވިފައިވަނީ: ގުދުރަތީ ވަސީލަތް، އންސާނީ ވަސީލަތް، މާލީ ވަސީލަތް އަދި އިންސާނުންގެ ބޭނުމަށް އުފައްދައިފައި ހުންނަ ތަފާތު ވަސީލަތް ތަކުގެ މައްޗަށެވެ. އެއްވަސީލަތަކާ އަނެއްވަސީލަތަކާއި ގުލިލާމެހިފައިވާތީ ވަސީލައްތައް ބައިކޮން ދެނެގަތުމަކީ ނުހަނު އުދަގޫ ކަމެކެވެ.
ގުދުރަތީ ވަސީލަތް ކަމުގައި ހިމެނެނީ ގުދުރަތީ ގޮތުން ﷲ ލައްވަވާފައިވާ އެންމެހާ ނިއުމަތްތަކެވެ. ބައެއް މިސާލުތަކަކީ ބިން، ވައި، ފެން، ތަފާތު މައުދަންތައް، ތެޔޮ، ގޭސް، ގަސްގަހާގެހި، ޖަނަވާރާއި ސޫފާސޫފީ، މަސްމަހާމެހި، ފަރުތައް އަދި މިފަދަ އެންމެހާ ތަންތަނާއި ތަކެތި އޭގެއިތުރުން މިފަދަ ތަންނަނާއި ތަކެއްޗާ ބެހޭގޮތުން ހެދިފައި ހުންނަ ގާނޫނުތަކާއި، ގަވާއިދުތަކާއި، އުސޫލުތަކާއި އެންމެހާ ތަކެއްޗެވެ. ގުދުރަތީ ވަސީލަތް ތަކަކީ އެހެން ހުރިހާ ވަސީލަތް ތަކެއްގެ އަސްލެވެ. އެއީ މައިގަނޑު ގޮތެއްގައި އެއްޗެއް އުފެދުމު އަސްލު ކަމުގައިވަނީ ގުދުރަތީ ވަސީލަތެވެ. އެހެންކަމުން ވަސީލައްތައް ބޭނުންކުރުމުގައި ދެމެހެއްޓެނިވި ގޮތްތަކެއް ބޭނުންކުރުމަކީ ވަރަށް މުހިންމުކަމެކެވެ.

އިންސާނީ ވަސީލަތަކީ އިންސާނާއެވެ. މުޖުތަމަޢުއްގެ އެންމެ މުހިންމު ރައުސްމާލެވެ. އިންސާނީ ވަސީލަތަކީ އިންސާނާގެ ޖިސްމު އެކަންނިއެއްނޫނެވެ. އިންސާނަށް ލިބިގެންވާ އަޚުލާގާއި، ތަޢުލީމާއި، ވިސްނުމާއި، ހިޔާލާތާއި، ތަޖުރިބާ އަދި ފިކުރު އެއީ އިސްސާނީ ވަސީލަތުގެ މުހިންމު ބައިތަކެވެ.  ތަރައްޤީގެ އަސްލުކަމުގައި ވާންޖެހޭނީ އިންސާނާ ތަރައްޤީ ވުމެވެ.    އެހެންކަމުން އިންސާނާ ވާންޖެހޭނީ ފުރިހަމަ މީހަކަށެވެ. އިންސާނަށް ފުރިހަމަ ސިއްޙަތަކާއި، ތަޢުލީމު، މިނިވަންކަން، ރައްކާތެރިކަން ލިބެންޖެހޭނެއެވެ. ތަރައްޤީ ގެ މަޤްސަދަކީ އިންސާނާއަށް އެކަށްކަން ހާސިލް ކޮށްދިނުމެވެ.
މާލީ ވަސީލަތަކީ ފައިސާއާއި މުދާ ހޯދުމުގެ ވަސީލަތް ތަކެވެ. މުދަލުގެ ސަބަބުން އިންސާނީ ވަސީލަތް ފުރިހަމަ ގޮތުގައި ތަރައްޤީވުމަށް ތަފާތު މަގުތައް ދައްކައެވެ. ނަމަވެސް މުދަލަކީ އޭގެ ޒާތުގައި މުޖުތަމައުގައި ހިމެނޭ ހުރިހާ މައްސަލަ ތަކެއްގެ ހައްލެއް ނޫނެވެ. މާލީ މަސީލަތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައިތަކަކީ؛ ލޯން، ހިލޭއެކީ، ބޭންކް ތަކާއި މާލީ އެހެން މުއައްސަސާތައް، އިންވެސްޓްމެންޓް، ފައިސާ ހޯދުމަށް ކުރާ އެންހެންމަސައްކަތް ތައްފަދަ ކަންކަމެވެ.
 އިންސާނުންގެ ބޭނުމަށް އުފައްދާފައި ހުންނަ ވަސީލައްތަކަކީ އިންސާނީ މުޖުތަމައު ތަރައްޤީ ވުމަށް ބާރުފޯރުވާ މުހިންމު ހަތިޔާރެވެ. ކުރިން ބުނެވެދިޔަ އެއްމެހާ ވަސިލަތްތައް ގުޅުވާލާ އާލާތެކެވެ. އޭގެ ވަސީލަަތްތަކަކީ؛ އިމާރާތްތަކާއި، މަގުތަކާއި، މުވާސަލާތީ ނިޒާމުތަކާއި، ދަތުރުފަތުރާއި އަދިވެސް އެންމެހާ މިފަދަ ކަންކަމެވެ. އަދި ސިޔާސީ ނިޒާމުތަކާއި ޤާނޫނުތަކާއި ގަވާއިދުތައްފަދަ މުހިންމު ބައިތައް ބެހިގެން ގޮސްފައިވާ މިބައިގައެވެ.


މީހުން ކުރިއެރުވުން ކުރުން
މުޖުމައުގެ ކޮންމެމީހަކީވެސް ކޮންމެވެސް ކަހަލަ ހުނަރެއް ﷲ ގެ ރަޙުމަތް ފުޅުން ލިބިފައިވާ މީހެކެވެ. އެކޮންމެ ޢިލްމަކީ މުޖުތަމަޢުއަށް ވަރަށް މުހިންމު ވަސީލަތެވެ. ވަގުތާއި ހާލަތާ ގުޅޭގޮތުންނެވެ. އެހެންކަމުން އިންސާނާގެ ބައިވެރިވުން ފުރިހަމަ ގޮތެއްގައި ހޯދުމަށް އިންސާނާ ތަމްރީނުވާން ޖެހެއެވެ. އިންސާނާގެ ހުނަރު އިތުރަށް ތަރައްޤީ ކުރަންޖެހެއެވެ. އިންސާއަށް ފުރިހަމަ ސިއްޙަތެއް ލިބިގެން ނޫނީ ހުނަރު ކުރިއެރުމުށާއި ބޭނުންކުރުމަށް މަގުފައިވެގެން ނުދާނެއެވެ. އިންސާނުން ތަމްރީނާއި ތަޢުލީމު ބޭނުންވަނި މައިގަޑު ގޮތެއްގައި އަންނަނިވި ކަންކަން ހާސިލް ކުރުމަށްޓަކައެވެ.
·         މުޖުމަޢުގެ ތަރއްޤީގައި ރައްޔިތުންގެ ހިއްސާ އިތުރު ކުރުން
·         އިލްމާއި، ހުނަރާއި، ވިސްނުން ކުރިއެރުވުން
·         ފުރިހަމަ ސިއްޙަތެއް ހާސިލް ކުރުން
·         ކުރިއެރުމަށް ހުރި ފުރުސަތުތައް ދެނެގަތުން
·         ކަންކަމުގައި އިސްވެ ހަރަކާތްގެރިވާނެ މީހުން އުފެއްދުން
·         އިގްތިސާދީ  އަދި އިޖްތިމާއީ ވަސީލައްތައް ބިނާކުރުން
·          
މުޖުމަޢުގެ ތަރައްގީގެ މަސައްކަތްތައް  
މުޖުމަޢު ތަރައްޤީއަށާއި ކުރިއެރުމަށް ހިންގާ އެންމެހާ މަސައްކަތްތައް ހިންގަން ޖެހޭނީ ރައްޔިތުންގެ ހިއްސާ ލިބޭނެ ފަދަގޮތަކަށެވެ. އެއީ ރޭވިގެން ކުރެވޭނެކަމެވެ. އެފަދަ ތަރައްގީގެ މަސައްކަތް ކުރުމަށް ގިރާކުރަންޖެހޭ ކަންކަން ކުރުގޮތަކަށް އެވަނީއެވެ.
ފެށުން
މަޝްރޫޢޫގައި އިސްކޮން އުޅޭނެ ބަޔަކު ހޯދުން
ހާސިލް ކުރަން ބޭނުންވާ މަޤްޞަދު ކަޑައެޅުން
މަޝްރޫގައި ހިމެނޭނެ މުޖުމަޢުގެ އެކިއެކި ފެންވަރުގެ މީހުންނަކީ ކޮންބައެއްކަން ހޯދުން
މަޢުލޫމާތު ހޯދުން
މިހާރު މަޝްރުޢާ ބެހޭގޮތުން ހުރި މަޢުލޫމާތާއި އަދި ބޭނުންވާ މަޢުލޫމާތު ދެނެގަތުން
މަޢުލޫމާތުތައް ހޯދާނެބައެކާއި އަދި އެދިރާސާކުރާނެ ބަޔަކު ކަޑައެޅުން
މަޢުލޫމާތުތަކަކީ އެކަށީގެންވާ ފުރިމަ ދެތުމަޢުލޫމާތުތޯ ބެލުން
މުޢާމަލާތް
މުޢާމަލާތަކީ މުޖުމަޢުގެ އަފުރާދުންގެ ބައިވެރިވުން މަޝްރޫއަށް ހޯދުމަށް ކުރަންޖެހޭނެ އެންމެ މުހިންމުކަމެކެވެ.
މުޖުތަމައުގެ އަފުރާދުންގެ ކިބައިން މަޝްރޫއާ ބެހޭގޮތުން ދެކޭގޮތް ހޯދުން
ރައްޔިތުންނަށް މަޢުލޫމާތު ފޯރޮކޮށްދޭނެ ގޮތްތާއި އަދި އެމީހުން މަޝްރޫއާއި މެދުދެކޭގޮތް މަސްރޫޢުއަށް ލިބޭނެގޮތް ހަމަޖެއްސުން
މަޢުލޫމާތު ފޯރުކުރުމަށް ވީހާވެސްގިނަ ވަސީލަތްތައް ބޭނުންކުރުން
މީޑިއާއާއި މަޝްރޫއުއާއި ދެމުދު އޮންނަށްޖެހެ ގުޅުންކަޑަ އެޅުން
މަޝްރޫއު ރޭވުން
މުޖުތަމަޢުގެ މައްސަލަތައް ހައްލުކުރުމަކީ ރޭވުންތެރިކަމާ، ވަކިކަހަލަ އުސޫލުތަކަކާއެކު ކޮއްގެންނޫނީ ހާސިލްކުރަންބޭނުންވާ މަޤްޞަދުތައް އެންމެފުރިހަމަ ގޮތުގައި ކާމިޔާބުކުރުމަށް ވަރަށް އުދަގޫކަމެވެ.  މިކަމުގެ ހެކިރާއްޖޭގެ އެކި ހިސާބުތަކުން ފެންނަމުން އެދަނީއެވެ. މުޖުތަމަޢުގެ އެއްބާރުންބޭނުންވާ މައްސަލަތައް މިސާލަކަށް މަސްތުވާތަކެތީގެ މައްސަލަތައް ގިނަ ރަށްރަށުގައި ހައްލެއް ނުލިބި އެކަން ބޮޑުވަމުން ދަނީއެވެ. މަޝްރޫޢުރޭވުމުގައި މުޖުތަމަޢުގެ ހުރިހާފަންތި ރައްޔިތުންގ ހިއްސާ ހޯދަން ޖެހޭނެއެވެ.

ހާލަތު ދެނެގަތުން (ލިބެންހުރިވަސީލަތްތައް، ފުރުޞަތުތައް، އުނިކަންތައްތައް، ހުރަސްތައް)
ހާސިލްކުރަން ބޭނުންވާ ލަޑުދަޑިތައް ކަޑައެޅުން
ލަޑުދަޑިތައް ހާސިލްކުރުމަށް ބޭނުންވާ ތަފްސީލީ ޕްލޭންނެއް ތައްޔާރު ކުރުން
އެކިކަންކަމުގައި އިސްވެ ހަރަކާތްތެރިވާނެ މީހުން ކަޑައެޅުން
އަމަލީ މަސައްކަތް
އަމަލީ މަސައްކަތްކަތަކީ މަޝްރޫއެއްގެ ހިގާކަން ރައްޔިތުންނަށް ފުރިހަމައަށް ފެނިގެންދާނެ މަރުހަލާއެވެ. އެހެންކަމުން ރޭވައިފައިވާ ޕްރޭލާއިއެއްގޮތަށް މަސައްކަތްތައް ކުރުމަކީ މަސައްކަތް ކާމިޔާބުވާނެކަން ރައްޔިތުންނަށް ގަބޫލުކުރުމަށް އެޅިގެންދާ ބާރެކެވެ. ހާއްސަކޮން މަސައްކަތުގެ ފަށައިގަނަ ހިސާބުގައި ވާއެންމެހާ ކަންތައް ރޭވިފައިވާ ޕްލޭނާއި އެއްގޮތަށް ގެންގޮސް މަސައްކައްތައް ނިންމުމަކީ ވަރަށް އިސްކަންދޭން ޖެހޭނެ ކަމެކެވެ.
ވަޒަންކުރުން
މަސައްކަތް ރޭވިފައިވާ ޕްރޭނާއި އެއްގޮތަން ދޭތޯބެލުމާއި، މަޤްޞަދުހާސިލް ވާމިންވަރުބެލުމާ، ގެންނަށްޖެހޭބަދަލުތަކާއި އަދި މުޖުތަމަޢުގެ މަޝްރޫޢާމެދު ދެކޭގޮތް ބަލަން ޖެހޭނެއެވެ. ވަޒަންކުރާނެ މުއްދަތު ކަޑައަޅާނީ މަސައްކަތުގެ ބާވަތުންނެވެ. އަދި ލިބޭކުރި އެރުން މުޖުތަމަޢުގައި ފާހަގަކުރުމަކީ އެކަމުގެ ސަބަބުން އިތުރުއާރޯކަން ލިބިގެންދާނެ ކަމެވެ.
މުޖުތަމުގެ އެއްވެސް ކަމަކީ ނިމޭނެ ކަމެއްނޫނެވެ. އެހެންކަމުން އަބަދުވެސް އިތުރު ލަޑުދަޑިތައް ހާސިލް ކުރަން މަސައްކަތް ކުރަންޖެހޭނެއެވެ.


ކާމިޔާބުކަމާއެކު މުޖުތަމަޢުގެ ހިއްސާލިބިގެން ހިގާމަޝްރޫއެއްގެ ފައިދާ އެކިގޮތްތަށް އެމުޖުމަޢުއަކަށް ލިބިގެންދާނެއެވެ. މުޖުތަމަޢުގެ އެކިއެކި ވަސީލަތްތައް ކުރިއަރާދާނެއެވެ. އެއީ މިސާލަކަށް ތަފާތު ހުނަރުތައް ދަސްވުމެވެ. ވަޒީފާތައް އުފެދުމެވެ. ފައިސާލިބޭނެ އިތުރު ފުރުސަތުތައް ތަނަވަސް ވެގެން ދިއުމެވެ.

References
Cook, J. B. “Community Development Theory.”
http://extensinmissouri.edu/explore/miscpubs/mp0568htm. Retrieved 28 Nov. 2007.
Green, Gary Paul and Haines, Anna. Asset Building and Community Development.
Thousand Oaks, California: Sage Publications, 2002.
Littrell, Don and Littrell, Doris. Practicing Community Development. Columbia, Missouri:
University of Missouri Extension, 2006.
Mattessich, Paul and Monsey, Barbara. Community Building: What Makes It Work. St. Paul,
Minnesota: Wilder Publishing Center, 1997.
Morse, Suzanne W. Smart Communities. San Francisco: Jossey-Bass, 2004.
Vincent, John W. II. “Basics of Community Development,” Chapter 1. in Community
Development Handbook. Pittman, R. and Phillips, R., eds, published by the Community
Development Council, 2006.
Photos : google.com

Monday 13 June 2011

ކުނިނައްތާލުން

ކުނި ނައްތާލަމާ!


ދިވެހިރާއްޖެ މިދަނީ ތަރައްޤީއާއި ޑިމޮކްރަސީ އަދި އިންސާނީޙައްގު ފަދަ ދާއިރާތަކުންް ދުނިޔޭގެ ނަންހިގާ ގައުމުތަކާއި ވާދަކުރަމުންނެވެ. ހާއްސަގޮތެއްގައި ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކުގެ ދާއިރާއިން، އެމެރިކާ، އިގިރޭސިވިލާތް އަދި ކެނެޑާ ފަދަ ދުނިޔޭގެ މަޝްހޫރު ގައުމުތަކާއި "އެއްސަފަކަށް" އެރުމަށް ތައްޔާރު ވަމުންނެވެ. މި ގައިމުތަކުގެ ރައްޔިތުންން ލިބިދީފައިވާ މިނިވަންކަމާ، ތަރައްޤީ، އަދި އިންސާނީޙައްގު ތަކާއި އެއްވަރުގެ ޒިންމާތަކެއް ރައްޔިތުން އަދާކުރަމުން ގެންދެވެ. ގައުމު ތަރައްޤީ ކުރުމަށް ކޮންމެ ފަރުދެއްގެ ހިއްސާ އެރައްޔިތެއްގެ ގާބިލްކަން ހުރިމިންވަރަކުން ގައުމަށް ލިބެމުންދެއެވެ. ގާނުތަކާއި ގަވާއިދުތައް ހެދި ތަންފީޒު ކުރެވެމުންދަނީ ގައުމުގެ ކުރިއެރުމަށް ފަރުދީ ޙިއްސާ ލިބޭނެފަދަ ގޮތަކަށެވެ.
އެއްވެސް އުސޫލެއްނެތި ކުނިއުކާފައިވާ ސަރަހައްދެއް
  "ކުނި" މާނަ މިކުރެވެނީ އެމީހަކަށް ވަގުތާއި ހާލަތާ ގުޅޭގޮތުން ބޭނުމެއްނެއް ތަކެއްޗަށެވެ. އެހެންކަމުން ތިބޭފުޅާއަށް ކުންޏެއް ކަމުގައި ބެލެވޭ އެއްޗެއް އެއީ އެހެންމީހަކަށް ކުނި ކަމުގައި ނުވެދާނެ، ނުވަތަ ފަހުން އެއީ ބޭނުން ކުރެވޭއެއްޗެއް ކަމުގައި ވެގެން ހިގައިދާނެއެވެ. ކުރިއަރާފައިވާ ދުނިޔޭގައި އުކާލާކުންޏަކީވެސް ކޮންމެވެސް ހިސާބަކުން އޭގެބޭނުން ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭ އެއްޗެކެވެ. ތަފާތު އުފެއްދުންތައް އުފެއްދުމަށެވެ. ކަރަންޓް ފަދަ ހަކަތަ އުފެއްދުމަށްވެސް ކުނިބޭނުން ކުރެވެމުންދެއެވެ.
ދިވެހިރާއްޖޭގައި ކުނީގެ ހާލަތުވަނީ އެންމެ އެކަށީގެންވާ ގޮތުގައިނޫނެވެެ. މަގުމައްޗާއި، ގޭގޭ ފުރާޅު، މޫދު، މުނިފޫހި ފިލުވާލަށް ބޭނުންކުރާ މައިޒާންފަދަ ތަންތަނަށް ނަޒަރިހިންގާލުމުން މިކަމުގެ ސާބިތު ހެކިފެނިގެންދާނެއެވެ. ގޭގެ ކުޑަދޮރުން ޖެހިގެންހުންނަ އަވައްޓެރިޔާގެ ގޭގެ ފުރާޅުމަށްޗަށްވެސް ކުނިއުކާލަމުންދަނީއެވެ. ހުދު އަވަށްޓެރިޔާގެ ހައްޤުތަކަށް ރައްކާތެރި ނުވެއެވެ. އެކަމުގެ ސަބަބުން އަވަށްޓެރިޔާގެ އާއިލާއަށް ސިއްޙީ ނުހަނުގެއްލުން ލިބުމަކީ ނުހަނުގާތުގައިވާ ކަމެކެވެ.
ކުނިނައްތާލުމުގައި ފަރުދީ ޒިންމާތަކެއް އޮންނަން ޖެހެނީ ކީއްވެ؟
ކުނީގެ ސަބަބުން ފެން އަދި ވެލި ތަގައްޔަރުވެ، ވައި ނުސާފުވުމަށް މެދުވެރިވެ އިންސާނުންގެ ސިއްޙަތަށާއި ދިރޭތަކެތްޗާއި އެތަކެތީގެ މާހައުލަށް ތަފާތުގެއްލުން ތަކެއްދެއެވެ. ކުނި ރަގަޅުގޮތުގައި ނައްޔާލުއިފިނަމަ އިންސާނުންނާއި އިންސާނުން ދިރިއުޅޭ މާޙައުލުގައިވާ ތަފާތު ދިރޭތަކެތި އަދި މުދަލަށް ގެންލުންވެގެންދެއެވެ. ދިރޭތަކެތީގެ ނަސްލު ފުރިހަމަ ގޮތެއްގައި ދިރިހުރުމަށް ބޭނުން ﷲ ލައްވަވާއިވާ އެންމެހާ ނިޒާމުތައް ކުނިބުނީގެ ސަބަބުން ކުރަމުންދާ އަސަރުވެސް ކުޑައެއްނޫނެވެ. ރާއްޖޭގައި ފެންތަގައްޔަރު ވުމުގެ ސަބަބުން ޖެހޭބަލިތަކުގެ ފުރިހަމަ ދިރާސާއެއް ކުރެވިފައިނުވެއެވެ. ނަމަވެސް ދުނިޔޭގައި އަހަރަކު 3.575 މިލިއަން މީހުން ފެންތަޤައްޔަރުވުގެ ސަބަބުންޖެހޭ ބަލިތަކުގެ ސަބަބުން މަރުވަމުން ދެއެވެ (1).


 ދިރޭތަކެތީގެ ހިމާޔަތުގައި މަސައްކަތް ކުރާމީހުންގެ ދިރާސާތަކުން ދައްކާގޮތުގައި އަހަރަކު 000،100 ޖަނަވާރާއި ދޫނި ޕުލާސްޓިކް ކޮތަޅުގެ ސަބަބުން މަރުވެގެން ދެއެވެ (2)
އިގުތިޞާދީ ނަޒަރުން ބަލާލި ކަމުގައިވިޔަސް ކުނި އިތުވަމުން ދިޔަވަރަކުން ކުނިނައްތާލުމަށާއި މެނޭޖުކުރުމަށް  ކުރަންޖެހޭ ޙަރަދު އިތުރުވެގެން ދެއެވެ. މާލެއިން ދުވާލަކު އުފައްދާ 400 ޓަނަށްވުރެގިނަ ކުނިނައްތާލުމަށް ދައުލަތުގެ ބަޖެޓްއިން ކުރަންޖެހޭނެ ޙަރަދުވިސްނަވާލައްވާށެވެ. މާލެއިން މިހުރިހާ ކުނިގެންދަން މިޖެހޭނީ އެހެންތަނަކަށެވެ. އަގުބޮތި މެޝަނަރީއާއި، އުޅަނދު ފަހަރު، ތެލާއި އަދި އިންސާނީ ވަސީލަތް މިކަމަށްބޭނުންވާ މިންވަރު ބޮޑެވެ. އެހެންކަމުން ކުނި މަދުކުމަކީ ޤައުމުގެ އިޤްދިސާދީ ދުޅަހެޔޮކަމަށް ފަރުދުންގެ ހައިސިއްޔަތުން ކުރެވިޔާނެ ކަމެވެ.
ކުނީގެ ސަބަބުން އިންސާނުންނާއި ދިރޭތަކެތީގެ ސިއްޙަތަށް ލިބޭގެއްލުން ވަކި ކުޑައެއްނޫނެވެ. ހަމައެއާއެކު  ކުނިވެފައިވާ ތަކެތިންދުވާ ވަހުގެ ސަބަބުންވާ އުދަގަލުންވެސް ކުނިބުނީގެ ގެއްލުން ސާފުވާނެވެ. މާލެ އަދި ދިވެހިރާއްޖޭގެ ގިނަރަށްތަކެއް ބިމުގެފެން ނަޖިހާއި އަދިވެސް އެހެނިހެން ވިހަމާއްދާތަކާއި އެއްވެ ތަޤައްޔަރުވެފައިެވެއެވެ. 2008 ވަނަ އަހަރު މާރޗް 3 ގައި މާލޭގެ މަސްމާރުކޭޓުގެ ވަޅެއްގެ ތެރޭގައި ހިގާދިޔަ ހިތާމަވެރި ހާދިސާ އިންމާލޭގެ ފެންފަށަލަ ތަޤައްޔަރުވެފައިވާ މިންވަރު އެގިދެންދެއެވެ.  މާލޭގެ ފެނުގައި ކުނިވެފަވާ ބިހުގެ ވަސްދުވާ  ވިހަމާއްދާއެއްކަމުގައިވާ "ހައިޑްރިކަން ސަލްފައިޑް" 0.5- 3.5 ދެމެދުގެ މިނެއްގައި ވާނެކަމަށް ތަފާތު ހިސާބު ތަކުންތައްކައެވެ (3). މިއީ އޭގެ ސަބަބުން އިންސާނުންގެ ނޭވައިލާ ނިޒާމަށް އަސަރު ކުރާފަދަ މިންވަރެކެވެ.  އިންސާނުންގެ އާއްމު ބޭނުންތަކަށް ބޭނުންކުރުމަށް އެކަށީގެން ނުވާ މިންވަރަށް ނައިޓްރޭޓްސް، ސަލްފޭޓްްސް އަދި އެމޯނިއާ ހުރިހަމަށް ދިނިޔޭގެ ސިއްޙަތާބެހޭ ޖަމިއްޔާއިން 2005 ވަނަ އަހަރުގެ ރިޕޯޓް ތަކުންދައްކައެވެ (3). މިއީމާލޭގެ ފެންފަށަލައާއި އެކުވެފައިވާ ނަޖިހާއި ތަފާތު ކުނިބުނީގެ ނަތީޖާއެވެ.

ފަރުދީ ފެންވަރެއްގައި ކުނި މެނޭޖްކުރުން
ފަރުދީ ފެންވަރުގައި ކުނިނައްތާލުމަށް މަސައްކަތް ކުރުމަކީ ދިވެހިރާއްޖޭގައި ދިވާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އެންމެ މުހިންމު އެއްވަސީލަތެވެ. ޙަރަދު ކުޑަ ގޮތެވެ. ގައުމުގެ އިޤްތިޞާދަށް ހަރުދަނާ ކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެވެ. ގޭތެރެއިން އުފެދިގެން އަންނަކުނި ރަގަޅު ގޮތެއްގައި މެނޭޖް ކުރެވޭނީ ކުނިއުފެދޭ އެންމެ ފުރަތަމަ ފިޔަވަހިން އެކަމަށް މަސައްކަތް ކުރެވިގެންނެވެ. އެގޮތުން ކުނި ރަގަޅުގުތުގައި ނައްތާލުމަށް ފަރުދީފެންވަރުގައި ކުރެވިދާނެ ބައެއްކަންތައްތަކަކީ:
1.     ކުނިމަދު ކުރުން
ކުނި އުފެދޭ މިންވަރު މަދުކުރުމަކީ އުނި މެނޭޖު ކުރުމުގެ އެންމެ މުހިންމު ވަސީލަތެވެ. ސަބަބަކީ ކުނި ނައްތާލުމަށް ބޭނުންކުވޭގޮތް ތަކަކީވެސް އޭގެ ޒާތުގައި ގެންލުންހުރި ގޮތްތަކެވެ. ކުނިނައްތާލުމުގެ ނިޒާމުގެ ތެރެއަށް ކުނިވަންނަ ނިސްބަތް މަދުވުމަކީ، ކުނިނައްތާލުމަށާއި ރިސައިކަލް ކުރުމަށްދާ ޙަރަދު ސަލާމަތް ކުރެވޭނެ ހަމައެކަނި ގޮތެވެ. އެކަމުގެ ސަބަބުން ގުތުރަތީ ވަސީލަތްތައް ދެމެހެއްޓުމާއި، މާހައުލު ތަޤައްޔަރުވުން ކުޑަކުރުމާއި ތަކެތި އުފެއްދުމަށްދާ ޙަރަދު ކުޑަވެގެން ދާނެވެ. ތިމާވެށި ހިމާތްކުރުމުގެ ތިންވަނަ ޤައުމީ މަޝްރޫއު (2009 އިން 2013) ގައި ކުނި މަދުކުރުމަށް ވަރަށްބޮޑު އިސްކަމެއް ދިފައިވެއެވެ (4).
އެގޮތުން ފަރުދީފެންވަރެއްގައި ކުނިމަދުކުރުމަށް އަމަލުކުރެވިދާނެ ފަސޭހަ ކިތަންމެ ގޮތެއްވެއެވެ. މިސާލަކަށް ދިވެހިން އާމުގޮތެއްގައި ބޭނުންކުރާ ޕުލާސްޓިކު ކޮތަޅުގެ ބަދަލުގައި ވިޔަފާރި ކުރުމަށް ޙާއްސަ ކޮތަޅެއް އަބަދުވެސް ބޭނުން ކުރެވިދާއެވެ. ޕެކެޓްގައި ބަންދު ކޮންފައި ހުންކާނާގެ ބަދަލުގައި ޕެކެޓްގައި ބަންދު ނުކޮންހުންނަ ތާޒާ ކާނާބޭނުން ކުރުންހިމެނެއެވެ. ތަކެތި ބައްލަވައިގަންނަވާ އިރު ގިނަދުވަހަށް ބޭނުންކުރެވޭ ތަކެތި ބައްލަވައިެގެން ނެވުމަކީވެސް މުހިންމުކަމެކެވެ.
ޖަނަވާރުން ނަށްވެސްވަނީ ކުނީގެ ސަބަނުން ނުރައްކާވެފައި:  އުސޫލެއްނެތި އުކާލެވޭ ތަކެތި ޖަނަވާރުން ބޭނުކޮށްގެން ތަފާތު ބަލިތައްޖެހޭ އަދި މޫދައް ކުލާލެވޭ ޕުލާސްޓިކް ކޮތަޅުތަކުގެ ސަބަބުން އެތައް މުރަކަތަކެއް ވަރުވެގެންދޭ

ކަރުދާސް ބޭނުންކުރާވަރަށް ގިނަދާއިރާތަކުން މިޒަމާނުގައި ކުނި މަދުކުރެވިދާނެއެވެ. އެޮގޮތުން އިލެކްޓްރޯނިސް މެއިލް ސިޓީގެ ބަދަލުގައި އާއްމުކުރުމާއި، ކާރުދާހު ބިލްގެ ބަދަލުގައި އީ-ބިލް ބޭނުން ކުރުމަކީ މިހާރުންމިހާރަށްވެސް މުހިންމު ކަންތައްތަކެވެ.                 
2.     ބޭނުންކުރެވޭ ތަކެތި އަލުންބޭނުން ކުރުން
ބޭނުންކޮއްފަިވާ ތަކެތި އަލުން ބޭނުންކުރުމަކީ ރަގަޅު ގޮތުގައި ކުނި މެނޭޖު ކުރުމަށް އެންމެ މުހިންކަން ދޭންޖެހިފައިވާ ދާއިރާއެވެ. ދިވެހިންނަށް ލިބެމުންދާ ކުރިއެރުންތަކާ ލާންގެންގުޅޭ އަންނައުނާއި ފައިވާން ފަދަތެކެތި ވަރަށް އަވަސްއަވަހަށް ބަދަލުކުރަމުން ދެއެވެ. މިފަދަ ތަކެތި އުކާލުމުގެ ބަދަލުގައި އަލުންބޭނުން ކުރެވޭފަދަ ގޮތަކަށް ދިވެހިންގެ ކަންތައްތައް ބައްޓަން ކުރެވިގެން ނޫނީ ތަރައްޤީވެ ތަހުޒީބު ވެގެން ނުދާނެވެ.
ތަކެތި ބައްލަވައިގަންނަވާ އިރު އެއްފަހަރުބޭނުް ކޮއްފައި އެއްލާލާ ތަކެތީގެ ބަދަލުގައި، ގިނަދުވަހަށް ބޭނުންކުރެވޭ ތަކެތި ބައްލަވައިގެން ނެވުމަކީ ފަސޭހަ ކަމާއެކު ކުރެވިދާނެ ކަމެކެވެ. އަލުން ބޭނުންކުރެވޭފަދަ ތަކެތި އެބޭނުން ހިފިދާނެ އެހެން ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ހަދިޔާ ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. މިފަދަ ތަކެތި ގަނެވިއްކާ އަދި ބަދަލުކޮށް ހަދާބަޔަކާއެކު ވިޔަފާރީގެ މުޢާމަލާތެއްވެސް ކުރެވިދާނެއެވެ. އެމެރިކާއިވެސް މިފަދަ ވިޔަފާރިކުރާ 6000 ތަން ހުރެއެވެ.
3.     ކުނިނައްތާލުމުގެ މަސައްކަތުގައި ބައިވެރިވުން
ތިމާ އުފައްދާ ކުނި ނައްތާލުމުގައި ތިމާގެ ޙިއްސާ ވުމަކީ މިއަދު ތަހުޒީބު ދުނިޔޭގައި ކަންހިގަމުންދާ ގޮތެވެ. އެއީ ކުނި ނައްތާލުމުގެ މަސައްކަތް ފެށިގެން އަންނަން ޖެހެނީ ކުނި އުފެދޭ ހިސާބުންނެވެ.
އެންމެ ފުރަތަމަވެސް ކުނި އުފެދޭ ހިސާބުން ކުނި ގިންތި ކުރުމަކީ އެންމެ މުހިންމު ކަމެވެ. ކުނިވާޒާތުގެ ކުނި، ޕުލާސްޓިކް،ކަރުދާސް، ލަކުނޑި، މައުދަން އަދި ނުރައްކާތެރި ކުނި ގިންތިކޮށް ވަކިން ބެހެއްޓުމަކީ ކުނިނައްތާލުން ހަރުދަނާކޮން އަދި ހިގާ ޙަރަދު ކުޑަ ކުރެވިގެންދާނެއެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ރިސައިކަލް ކުރެވޭ ބައިވައްތައް ކުނި މެނޭޖް ކުރާ ސަރުކާރުގެ ދާއިރާއިން ނުވަތަ ޕްރައިވެޓް ކުންފުނި ތަކުންގަންނާނެއެވެ.

ކުނިނައްތާލުމަށްދާ ޙަރަދުގެ ބައެއް ރައްޔިތުންގެ އަތުންނެގުމަކީވެސް ތަރައްޤީވެފައިވާ ބައެއްގައުމުތަކުގައި އަމަލު ކުރެވޭކަމެވެ. އެމެރިކާއި އެކަން ކުރެވެމުން ދަނީ ޓެކްސްގެ ތެރެއިންނެވެ. ކެނެޑާގައި ބައެއްވާވައް ތަކުގެ ކުނި ވަކިމިންވަރަކަށް ވުރެ އިތުރުވެއްޖެ ނަމަ އިތުރުވާ ކިލޯ ގުރާމަށް އަގުދައްކަން ޖެހެވެ. މިކަންކަން ކުރެވިފައިވަނީ ކުނި މަދުކުރުމަށާއި ކުނީގެ ސަބަބުން ލިބޭގެއްލުމުން އިންސާނުން ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ.
4.     ރިސައިކަލް ކުރުން
ރިސައިކަލް ކުރުމަކީ ތަކެތްޗަށް ބަދަލުތަކެއް ގެނެސްގެން  އެހެން  އާއުފެއްދުމެއް ތައްޔާރު ކުރުމެވެ. ރިސައިކަލް ފަރުދީ ފެންވަރެއްގައި ފުޅާކޮން ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ރިސައިކަލް ކުރުމުގެ ބުރު ފެށޭ ހިސާބުގައި ފަރުދެއްގެ ޙައިސިއްޔަތުން ގޭތެރެއިން ކުނި ގިންތިކުރުމަކީ މުހިންމު ކަމެވެ. މިހާރު ދިވެހިރާއްޖޭގައިވެސް މައުދަނުގެ ވައްތަރުތައް ގަންނަ ފަރާތްތައް އެބައުޅެއެވެ. މިފަރާތްތަކަށް މިފަދަ ތަކެތި ވިއްކާލުމަކީ އިޤްތިޞާދީ ފައިދާވެސް ވެގެންދާނެ ކަމެކެވެ.
ކުނިވާޒާތުގެ ތަކެތި ބޭނުންކޮންގެން ގަހަށް ބޭނުންވާ ކޮމްޕޯސްޓް ތައްޔާރު ކޮށްލުމަކީ ގަސްތަކަށް ކެމިކަލް ކާނާގެ ބަދަލުގައި ބޭނުންކުރުމަށް ފައިދާހުރި ޖީބަށް ލުއި ކާނާއެއް ތައްޔާރު ކޮށްލެވިދާނެ ގޮތެކެވެ.
ތަކެތިބައްލަވަގަންނަވާ އިރު ރިސައިކަލް ކުރެވޭ އުފެއްދުންތަކަށާއި ރިސައިކަލް ކޮށްފައިވާ އުފެންދުން ތަކަށް އިސްކަން ދިނުމަކީ މުހިންމު ކަމެކެވެ. ދެމެހެއްޓެނިވި ތަރައްޤީ އަކަށް މަގުދައްކަނީ އެގޮތްކަމަށް ވާތީއެވެ.
ދިވެހިރާއްޖޭގެ ތިމާވެށީގެ އެއްމައްސަލަ ކަމުގައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށްވަނީ ގިނަ ހުރަސް ތަކެއްކުރިމަތި ވެފައެވެ. ބިމުގެ ސަރައްދު ކުޑަ ކަމެވެ. ވަސީލަތްތައް މަދު ވުމެވެ. ހާއްސަކޮން ފަރުދީ  ފެންވަރުގައި ކުނި ރަގަޅު ގޮތުގައި ނައްތާލުމަށް އޮންނަ ހިއްސާ ކުޑަކަމެވެ. އެހެންކަމުން މިކަންކަމަށް ފުރިހަމަ ހައްލެއް ފެނިގެންދާނީ ސަރުކާރާއި، އަމިއްލަ ވިޔަފާރިވެރިން އަދި ސިވިލް ސޮސައިޓީގެ ދަޢުރު ހަރުދަނާ ކުރެވިގެން ނެވެ. ސަރުކާރުން ކުންނާބެހޭ ޤާނޫނުތަކާއި ގަވާއިދުތައް ހަރުދަނާކޮށް ކުނި ނައްތާލުމުގެ ނިޒާމު މުޖުތަމައުގެ ޙިއްސާ އޮންނަ ގޮތަކަށް ބަދަލުކުރެވިގެންނެވެ. ވިޔަފާރިވެރިންގެ ޙިއްސާ ރިސައިކަލް ކުރުންފަދަ ކަންކަމުގައި މިހާރަށްވުރެ އިތުކުރެވިގެންނެވެ. ސިވިލްސޮސައިޓީ މިފަދަ ކަންކަމާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރޮކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މިފަދަ ތަސައްވަރަކާއި އެއްގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ދިވެހިރާއްޖޭގެ ކުނި ނައްތާލުމުގެ ނިޒާމުވެސް ދެމެހެއްޓެނިވި ގޮތަކަށް ކުރިޔަށް ގެންދެވުމުގެ އިތުބާރު ބޮޑެވެ.

Works Cited

1. [Online] http://water.org/learn-about-the-water-crisis/facts/.
2. Plastic bags and animals. Encyclopædia Britannica. [Online] http://advocacy.britannica.com/blog/advocacy/2008/12/plastic-bags-and-animals-making-the-wild-safe-for-wildlife/.
3. [Online] http://www.bluepeacemaldives.org/blog/water/when-groundwater-turns-deadly.
4. THIRD NATIONAL ENVIRONMENT ACTION PLAN. Maldives : Ministry of Housing, Transport and Environment, 2009.