ތަރައްގީ

Monday 13 June 2011

ކުނިނައްތާލުން

ކުނި ނައްތާލަމާ!


ދިވެހިރާއްޖެ މިދަނީ ތަރައްޤީއާއި ޑިމޮކްރަސީ އަދި އިންސާނީޙައްގު ފަދަ ދާއިރާތަކުންް ދުނިޔޭގެ ނަންހިގާ ގައުމުތަކާއި ވާދަކުރަމުންނެވެ. ހާއްސަގޮތެއްގައި ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކުގެ ދާއިރާއިން، އެމެރިކާ، އިގިރޭސިވިލާތް އަދި ކެނެޑާ ފަދަ ދުނިޔޭގެ މަޝްހޫރު ގައުމުތަކާއި "އެއްސަފަކަށް" އެރުމަށް ތައްޔާރު ވަމުންނެވެ. މި ގައިމުތަކުގެ ރައްޔިތުންން ލިބިދީފައިވާ މިނިވަންކަމާ، ތަރައްޤީ، އަދި އިންސާނީޙައްގު ތަކާއި އެއްވަރުގެ ޒިންމާތަކެއް ރައްޔިތުން އަދާކުރަމުން ގެންދެވެ. ގައުމު ތަރައްޤީ ކުރުމަށް ކޮންމެ ފަރުދެއްގެ ހިއްސާ އެރައްޔިތެއްގެ ގާބިލްކަން ހުރިމިންވަރަކުން ގައުމަށް ލިބެމުންދެއެވެ. ގާނުތަކާއި ގަވާއިދުތައް ހެދި ތަންފީޒު ކުރެވެމުންދަނީ ގައުމުގެ ކުރިއެރުމަށް ފަރުދީ ޙިއްސާ ލިބޭނެފަދަ ގޮތަކަށެވެ.
އެއްވެސް އުސޫލެއްނެތި ކުނިއުކާފައިވާ ސަރަހައްދެއް
  "ކުނި" މާނަ މިކުރެވެނީ އެމީހަކަށް ވަގުތާއި ހާލަތާ ގުޅޭގޮތުން ބޭނުމެއްނެއް ތަކެއްޗަށެވެ. އެހެންކަމުން ތިބޭފުޅާއަށް ކުންޏެއް ކަމުގައި ބެލެވޭ އެއްޗެއް އެއީ އެހެންމީހަކަށް ކުނި ކަމުގައި ނުވެދާނެ، ނުވަތަ ފަހުން އެއީ ބޭނުން ކުރެވޭއެއްޗެއް ކަމުގައި ވެގެން ހިގައިދާނެއެވެ. ކުރިއަރާފައިވާ ދުނިޔޭގައި އުކާލާކުންޏަކީވެސް ކޮންމެވެސް ހިސާބަކުން އޭގެބޭނުން ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭ އެއްޗެކެވެ. ތަފާތު އުފެއްދުންތައް އުފެއްދުމަށެވެ. ކަރަންޓް ފަދަ ހަކަތަ އުފެއްދުމަށްވެސް ކުނިބޭނުން ކުރެވެމުންދެއެވެ.
ދިވެހިރާއްޖޭގައި ކުނީގެ ހާލަތުވަނީ އެންމެ އެކަށީގެންވާ ގޮތުގައިނޫނެވެެ. މަގުމައްޗާއި، ގޭގޭ ފުރާޅު، މޫދު، މުނިފޫހި ފިލުވާލަށް ބޭނުންކުރާ މައިޒާންފަދަ ތަންތަނަށް ނަޒަރިހިންގާލުމުން މިކަމުގެ ސާބިތު ހެކިފެނިގެންދާނެއެވެ. ގޭގެ ކުޑަދޮރުން ޖެހިގެންހުންނަ އަވައްޓެރިޔާގެ ގޭގެ ފުރާޅުމަށްޗަށްވެސް ކުނިއުކާލަމުންދަނީއެވެ. ހުދު އަވަށްޓެރިޔާގެ ހައްޤުތަކަށް ރައްކާތެރި ނުވެއެވެ. އެކަމުގެ ސަބަބުން އަވަށްޓެރިޔާގެ އާއިލާއަށް ސިއްޙީ ނުހަނުގެއްލުން ލިބުމަކީ ނުހަނުގާތުގައިވާ ކަމެކެވެ.
ކުނިނައްތާލުމުގައި ފަރުދީ ޒިންމާތަކެއް އޮންނަން ޖެހެނީ ކީއްވެ؟
ކުނީގެ ސަބަބުން ފެން އަދި ވެލި ތަގައްޔަރުވެ، ވައި ނުސާފުވުމަށް މެދުވެރިވެ އިންސާނުންގެ ސިއްޙަތަށާއި ދިރޭތަކެތްޗާއި އެތަކެތީގެ މާހައުލަށް ތަފާތުގެއްލުން ތަކެއްދެއެވެ. ކުނި ރަގަޅުގޮތުގައި ނައްޔާލުއިފިނަމަ އިންސާނުންނާއި އިންސާނުން ދިރިއުޅޭ މާޙައުލުގައިވާ ތަފާތު ދިރޭތަކެތި އަދި މުދަލަށް ގެންލުންވެގެންދެއެވެ. ދިރޭތަކެތީގެ ނަސްލު ފުރިހަމަ ގޮތެއްގައި ދިރިހުރުމަށް ބޭނުން ﷲ ލައްވަވާއިވާ އެންމެހާ ނިޒާމުތައް ކުނިބުނީގެ ސަބަބުން ކުރަމުންދާ އަސަރުވެސް ކުޑައެއްނޫނެވެ. ރާއްޖޭގައި ފެންތަގައްޔަރު ވުމުގެ ސަބަބުން ޖެހޭބަލިތަކުގެ ފުރިހަމަ ދިރާސާއެއް ކުރެވިފައިނުވެއެވެ. ނަމަވެސް ދުނިޔޭގައި އަހަރަކު 3.575 މިލިއަން މީހުން ފެންތަޤައްޔަރުވުގެ ސަބަބުންޖެހޭ ބަލިތަކުގެ ސަބަބުން މަރުވަމުން ދެއެވެ (1).


 ދިރޭތަކެތީގެ ހިމާޔަތުގައި މަސައްކަތް ކުރާމީހުންގެ ދިރާސާތަކުން ދައްކާގޮތުގައި އަހަރަކު 000،100 ޖަނަވާރާއި ދޫނި ޕުލާސްޓިކް ކޮތަޅުގެ ސަބަބުން މަރުވެގެން ދެއެވެ (2)
އިގުތިޞާދީ ނަޒަރުން ބަލާލި ކަމުގައިވިޔަސް ކުނި އިތުވަމުން ދިޔަވަރަކުން ކުނިނައްތާލުމަށާއި މެނޭޖުކުރުމަށް  ކުރަންޖެހޭ ޙަރަދު އިތުރުވެގެން ދެއެވެ. މާލެއިން ދުވާލަކު އުފައްދާ 400 ޓަނަށްވުރެގިނަ ކުނިނައްތާލުމަށް ދައުލަތުގެ ބަޖެޓްއިން ކުރަންޖެހޭނެ ޙަރަދުވިސްނަވާލައްވާށެވެ. މާލެއިން މިހުރިހާ ކުނިގެންދަން މިޖެހޭނީ އެހެންތަނަކަށެވެ. އަގުބޮތި މެޝަނަރީއާއި، އުޅަނދު ފަހަރު، ތެލާއި އަދި އިންސާނީ ވަސީލަތް މިކަމަށްބޭނުންވާ މިންވަރު ބޮޑެވެ. އެހެންކަމުން ކުނި މަދުކުމަކީ ޤައުމުގެ އިޤްދިސާދީ ދުޅަހެޔޮކަމަށް ފަރުދުންގެ ހައިސިއްޔަތުން ކުރެވިޔާނެ ކަމެވެ.
ކުނީގެ ސަބަބުން އިންސާނުންނާއި ދިރޭތަކެތީގެ ސިއްޙަތަށް ލިބޭގެއްލުން ވަކި ކުޑައެއްނޫނެވެ. ހަމައެއާއެކު  ކުނިވެފައިވާ ތަކެތިންދުވާ ވަހުގެ ސަބަބުންވާ އުދަގަލުންވެސް ކުނިބުނީގެ ގެއްލުން ސާފުވާނެވެ. މާލެ އަދި ދިވެހިރާއްޖޭގެ ގިނަރަށްތަކެއް ބިމުގެފެން ނަޖިހާއި އަދިވެސް އެހެނިހެން ވިހަމާއްދާތަކާއި އެއްވެ ތަޤައްޔަރުވެފައިެވެއެވެ. 2008 ވަނަ އަހަރު މާރޗް 3 ގައި މާލޭގެ މަސްމާރުކޭޓުގެ ވަޅެއްގެ ތެރޭގައި ހިގާދިޔަ ހިތާމަވެރި ހާދިސާ އިންމާލޭގެ ފެންފަށަލަ ތަޤައްޔަރުވެފައިވާ މިންވަރު އެގިދެންދެއެވެ.  މާލޭގެ ފެނުގައި ކުނިވެފަވާ ބިހުގެ ވަސްދުވާ  ވިހަމާއްދާއެއްކަމުގައިވާ "ހައިޑްރިކަން ސަލްފައިޑް" 0.5- 3.5 ދެމެދުގެ މިނެއްގައި ވާނެކަމަށް ތަފާތު ހިސާބު ތަކުންތައްކައެވެ (3). މިއީ އޭގެ ސަބަބުން އިންސާނުންގެ ނޭވައިލާ ނިޒާމަށް އަސަރު ކުރާފަދަ މިންވަރެކެވެ.  އިންސާނުންގެ އާއްމު ބޭނުންތަކަށް ބޭނުންކުރުމަށް އެކަށީގެން ނުވާ މިންވަރަށް ނައިޓްރޭޓްސް، ސަލްފޭޓްްސް އަދި އެމޯނިއާ ހުރިހަމަށް ދިނިޔޭގެ ސިއްޙަތާބެހޭ ޖަމިއްޔާއިން 2005 ވަނަ އަހަރުގެ ރިޕޯޓް ތަކުންދައްކައެވެ (3). މިއީމާލޭގެ ފެންފަށަލައާއި އެކުވެފައިވާ ނަޖިހާއި ތަފާތު ކުނިބުނީގެ ނަތީޖާއެވެ.

ފަރުދީ ފެންވަރެއްގައި ކުނި މެނޭޖްކުރުން
ފަރުދީ ފެންވަރުގައި ކުނިނައްތާލުމަށް މަސައްކަތް ކުރުމަކީ ދިވެހިރާއްޖޭގައި ދިވާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އެންމެ މުހިންމު އެއްވަސީލަތެވެ. ޙަރަދު ކުޑަ ގޮތެވެ. ގައުމުގެ އިޤްތިޞާދަށް ހަރުދަނާ ކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅެވެ. ގޭތެރެއިން އުފެދިގެން އަންނަކުނި ރަގަޅު ގޮތެއްގައި މެނޭޖް ކުރެވޭނީ ކުނިއުފެދޭ އެންމެ ފުރަތަމަ ފިޔަވަހިން އެކަމަށް މަސައްކަތް ކުރެވިގެންނެވެ. އެގޮތުން ކުނި ރަގަޅުގުތުގައި ނައްތާލުމަށް ފަރުދީފެންވަރުގައި ކުރެވިދާނެ ބައެއްކަންތައްތަކަކީ:
1.     ކުނިމަދު ކުރުން
ކުނި އުފެދޭ މިންވަރު މަދުކުރުމަކީ އުނި މެނޭޖު ކުރުމުގެ އެންމެ މުހިންމު ވަސީލަތެވެ. ސަބަބަކީ ކުނި ނައްތާލުމަށް ބޭނުންކުވޭގޮތް ތަކަކީވެސް އޭގެ ޒާތުގައި ގެންލުންހުރި ގޮތްތަކެވެ. ކުނިނައްތާލުމުގެ ނިޒާމުގެ ތެރެއަށް ކުނިވަންނަ ނިސްބަތް މަދުވުމަކީ، ކުނިނައްތާލުމަށާއި ރިސައިކަލް ކުރުމަށްދާ ޙަރަދު ސަލާމަތް ކުރެވޭނެ ހަމައެކަނި ގޮތެވެ. އެކަމުގެ ސަބަބުން ގުތުރަތީ ވަސީލަތްތައް ދެމެހެއްޓުމާއި، މާހައުލު ތަޤައްޔަރުވުން ކުޑަކުރުމާއި ތަކެތި އުފެއްދުމަށްދާ ޙަރަދު ކުޑަވެގެން ދާނެވެ. ތިމާވެށި ހިމާތްކުރުމުގެ ތިންވަނަ ޤައުމީ މަޝްރޫއު (2009 އިން 2013) ގައި ކުނި މަދުކުރުމަށް ވަރަށްބޮޑު އިސްކަމެއް ދިފައިވެއެވެ (4).
އެގޮތުން ފަރުދީފެންވަރެއްގައި ކުނިމަދުކުރުމަށް އަމަލުކުރެވިދާނެ ފަސޭހަ ކިތަންމެ ގޮތެއްވެއެވެ. މިސާލަކަށް ދިވެހިން އާމުގޮތެއްގައި ބޭނުންކުރާ ޕުލާސްޓިކު ކޮތަޅުގެ ބަދަލުގައި ވިޔަފާރި ކުރުމަށް ޙާއްސަ ކޮތަޅެއް އަބަދުވެސް ބޭނުން ކުރެވިދާއެވެ. ޕެކެޓްގައި ބަންދު ކޮންފައި ހުންކާނާގެ ބަދަލުގައި ޕެކެޓްގައި ބަންދު ނުކޮންހުންނަ ތާޒާ ކާނާބޭނުން ކުރުންހިމެނެއެވެ. ތަކެތި ބައްލަވައިގަންނަވާ އިރު ގިނަދުވަހަށް ބޭނުންކުރެވޭ ތަކެތި ބައްލަވައިެގެން ނެވުމަކީވެސް މުހިންމުކަމެކެވެ.
ޖަނަވާރުން ނަށްވެސްވަނީ ކުނީގެ ސަބަނުން ނުރައްކާވެފައި:  އުސޫލެއްނެތި އުކާލެވޭ ތަކެތި ޖަނަވާރުން ބޭނުކޮށްގެން ތަފާތު ބަލިތައްޖެހޭ އަދި މޫދައް ކުލާލެވޭ ޕުލާސްޓިކް ކޮތަޅުތަކުގެ ސަބަބުން އެތައް މުރަކަތަކެއް ވަރުވެގެންދޭ

ކަރުދާސް ބޭނުންކުރާވަރަށް ގިނަދާއިރާތަކުން މިޒަމާނުގައި ކުނި މަދުކުރެވިދާނެއެވެ. އެޮގޮތުން އިލެކްޓްރޯނިސް މެއިލް ސިޓީގެ ބަދަލުގައި އާއްމުކުރުމާއި، ކާރުދާހު ބިލްގެ ބަދަލުގައި އީ-ބިލް ބޭނުން ކުރުމަކީ މިހާރުންމިހާރަށްވެސް މުހިންމު ކަންތައްތަކެވެ.                 
2.     ބޭނުންކުރެވޭ ތަކެތި އަލުންބޭނުން ކުރުން
ބޭނުންކޮއްފަިވާ ތަކެތި އަލުން ބޭނުންކުރުމަކީ ރަގަޅު ގޮތުގައި ކުނި މެނޭޖު ކުރުމަށް އެންމެ މުހިންކަން ދޭންޖެހިފައިވާ ދާއިރާއެވެ. ދިވެހިންނަށް ލިބެމުންދާ ކުރިއެރުންތަކާ ލާންގެންގުޅޭ އަންނައުނާއި ފައިވާން ފަދަތެކެތި ވަރަށް އަވަސްއަވަހަށް ބަދަލުކުރަމުން ދެއެވެ. މިފަދަ ތަކެތި އުކާލުމުގެ ބަދަލުގައި އަލުންބޭނުން ކުރެވޭފަދަ ގޮތަކަށް ދިވެހިންގެ ކަންތައްތައް ބައްޓަން ކުރެވިގެން ނޫނީ ތަރައްޤީވެ ތަހުޒީބު ވެގެން ނުދާނެވެ.
ތަކެތި ބައްލަވައިގަންނަވާ އިރު އެއްފަހަރުބޭނުް ކޮއްފައި އެއްލާލާ ތަކެތީގެ ބަދަލުގައި، ގިނަދުވަހަށް ބޭނުންކުރެވޭ ތަކެތި ބައްލަވައިގެން ނެވުމަކީ ފަސޭހަ ކަމާއެކު ކުރެވިދާނެ ކަމެކެވެ. އަލުން ބޭނުންކުރެވޭފަދަ ތަކެތި އެބޭނުން ހިފިދާނެ އެހެން ފަރުދަކަށް ނުވަތަ ޖަމާޢަތަކަށް ހަދިޔާ ކުރުމަކީވެސް ކުރެވިދާނެ ކަމެކެވެ. މިފަދަ ތަކެތި ގަނެވިއްކާ އަދި ބަދަލުކޮށް ހަދާބަޔަކާއެކު ވިޔަފާރީގެ މުޢާމަލާތެއްވެސް ކުރެވިދާނެއެވެ. އެމެރިކާއިވެސް މިފަދަ ވިޔަފާރިކުރާ 6000 ތަން ހުރެއެވެ.
3.     ކުނިނައްތާލުމުގެ މަސައްކަތުގައި ބައިވެރިވުން
ތިމާ އުފައްދާ ކުނި ނައްތާލުމުގައި ތިމާގެ ޙިއްސާ ވުމަކީ މިއަދު ތަހުޒީބު ދުނިޔޭގައި ކަންހިގަމުންދާ ގޮތެވެ. އެއީ ކުނި ނައްތާލުމުގެ މަސައްކަތް ފެށިގެން އަންނަން ޖެހެނީ ކުނި އުފެދޭ ހިސާބުންނެވެ.
އެންމެ ފުރަތަމަވެސް ކުނި އުފެދޭ ހިސާބުން ކުނި ގިންތި ކުރުމަކީ އެންމެ މުހިންމު ކަމެވެ. ކުނިވާޒާތުގެ ކުނި، ޕުލާސްޓިކް،ކަރުދާސް، ލަކުނޑި، މައުދަން އަދި ނުރައްކާތެރި ކުނި ގިންތިކޮށް ވަކިން ބެހެއްޓުމަކީ ކުނިނައްތާލުން ހަރުދަނާކޮން އަދި ހިގާ ޙަރަދު ކުޑަ ކުރެވިގެންދާނެއެވެ. ކުރިއަރާފައިވާ ގައުމުތަކުގައި ރިސައިކަލް ކުރެވޭ ބައިވައްތައް ކުނި މެނޭޖް ކުރާ ސަރުކާރުގެ ދާއިރާއިން ނުވަތަ ޕްރައިވެޓް ކުންފުނި ތަކުންގަންނާނެއެވެ.

ކުނިނައްތާލުމަށްދާ ޙަރަދުގެ ބައެއް ރައްޔިތުންގެ އަތުންނެގުމަކީވެސް ތަރައްޤީވެފައިވާ ބައެއްގައުމުތަކުގައި އަމަލު ކުރެވޭކަމެވެ. އެމެރިކާއި އެކަން ކުރެވެމުން ދަނީ ޓެކްސްގެ ތެރެއިންނެވެ. ކެނެޑާގައި ބައެއްވާވައް ތަކުގެ ކުނި ވަކިމިންވަރަކަށް ވުރެ އިތުރުވެއްޖެ ނަމަ އިތުރުވާ ކިލޯ ގުރާމަށް އަގުދައްކަން ޖެހެވެ. މިކަންކަން ކުރެވިފައިވަނީ ކުނި މަދުކުރުމަށާއި ކުނީގެ ސަބަބުން ލިބޭގެއްލުމުން އިންސާނުން ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ.
4.     ރިސައިކަލް ކުރުން
ރިސައިކަލް ކުރުމަކީ ތަކެތްޗަށް ބަދަލުތަކެއް ގެނެސްގެން  އެހެން  އާއުފެއްދުމެއް ތައްޔާރު ކުރުމެވެ. ރިސައިކަލް ފަރުދީ ފެންވަރެއްގައި ފުޅާކޮން ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ރިސައިކަލް ކުރުމުގެ ބުރު ފެށޭ ހިސާބުގައި ފަރުދެއްގެ ޙައިސިއްޔަތުން ގޭތެރެއިން ކުނި ގިންތިކުރުމަކީ މުހިންމު ކަމެވެ. މިހާރު ދިވެހިރާއްޖޭގައިވެސް މައުދަނުގެ ވައްތަރުތައް ގަންނަ ފަރާތްތައް އެބައުޅެއެވެ. މިފަރާތްތަކަށް މިފަދަ ތަކެތި ވިއްކާލުމަކީ އިޤްތިޞާދީ ފައިދާވެސް ވެގެންދާނެ ކަމެކެވެ.
ކުނިވާޒާތުގެ ތަކެތި ބޭނުންކޮންގެން ގަހަށް ބޭނުންވާ ކޮމްޕޯސްޓް ތައްޔާރު ކޮށްލުމަކީ ގަސްތަކަށް ކެމިކަލް ކާނާގެ ބަދަލުގައި ބޭނުންކުރުމަށް ފައިދާހުރި ޖީބަށް ލުއި ކާނާއެއް ތައްޔާރު ކޮށްލެވިދާނެ ގޮތެކެވެ.
ތަކެތިބައްލަވަގަންނަވާ އިރު ރިސައިކަލް ކުރެވޭ އުފެއްދުންތަކަށާއި ރިސައިކަލް ކޮށްފައިވާ އުފެންދުން ތަކަށް އިސްކަން ދިނުމަކީ މުހިންމު ކަމެކެވެ. ދެމެހެއްޓެނިވި ތަރައްޤީ އަކަށް މަގުދައްކަނީ އެގޮތްކަމަށް ވާތީއެވެ.
ދިވެހިރާއްޖޭގެ ތިމާވެށީގެ އެއްމައްސަލަ ކަމުގައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށްވަނީ ގިނަ ހުރަސް ތަކެއްކުރިމަތި ވެފައެވެ. ބިމުގެ ސަރައްދު ކުޑަ ކަމެވެ. ވަސީލަތްތައް މަދު ވުމެވެ. ހާއްސަކޮން ފަރުދީ  ފެންވަރުގައި ކުނި ރަގަޅު ގޮތުގައި ނައްތާލުމަށް އޮންނަ ހިއްސާ ކުޑަކަމެވެ. އެހެންކަމުން މިކަންކަމަށް ފުރިހަމަ ހައްލެއް ފެނިގެންދާނީ ސަރުކާރާއި، އަމިއްލަ ވިޔަފާރިވެރިން އަދި ސިވިލް ސޮސައިޓީގެ ދަޢުރު ހަރުދަނާ ކުރެވިގެން ނެވެ. ސަރުކާރުން ކުންނާބެހޭ ޤާނޫނުތަކާއި ގަވާއިދުތައް ހަރުދަނާކޮށް ކުނި ނައްތާލުމުގެ ނިޒާމު މުޖުތަމައުގެ ޙިއްސާ އޮންނަ ގޮތަކަށް ބަދަލުކުރެވިގެންނެވެ. ވިޔަފާރިވެރިންގެ ޙިއްސާ ރިސައިކަލް ކުރުންފަދަ ކަންކަމުގައި މިހާރަށްވުރެ އިތުކުރެވިގެންނެވެ. ސިވިލްސޮސައިޓީ މިފަދަ ކަންކަމާބެހޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރޮކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މިފަދަ ތަސައްވަރަކާއި އެއްގޮތަށް މަސައްކަތް ކުރެވިއްޖެނަމަ ދިވެހިރާއްޖޭގެ ކުނި ނައްތާލުމުގެ ނިޒާމުވެސް ދެމެހެއްޓެނިވި ގޮތަކަށް ކުރިޔަށް ގެންދެވުމުގެ އިތުބާރު ބޮޑެވެ.

Works Cited

1. [Online] http://water.org/learn-about-the-water-crisis/facts/.
2. Plastic bags and animals. Encyclopædia Britannica. [Online] http://advocacy.britannica.com/blog/advocacy/2008/12/plastic-bags-and-animals-making-the-wild-safe-for-wildlife/.
3. [Online] http://www.bluepeacemaldives.org/blog/water/when-groundwater-turns-deadly.
4. THIRD NATIONAL ENVIRONMENT ACTION PLAN. Maldives : Ministry of Housing, Transport and Environment, 2009.